ގަވާއިދާ ހިލާފަށް ކުނި އުކުމާއި، ވެއްޔާއި އަކިރި ނެގުމުގެ އިތުރުން، ފަރަށް އަރާ އުޅަނދުފަހަރާ މެދު އަމަލުކުރާނެ އުސޫލުތަކާ ގުޅޭގޮތުން އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި ކުޅުދުއްފުށީ ސިޓީ ޕޮލިހުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ޕޮލިހުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

Ad
rt

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމުގައި ފުލުހުންގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހޯދުމަށްޓަކައި، ދެ މުއައްސަސާގެ ދެމެދުގައި ފަހުމުނާމާއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އީއާރުއޭ އިން ވަނީ ފާހަގަކޮށްފައެވެ. މި ފަހުމުނާމާގެ ސަބަބުން ތިމާވެއްޓަށް ގެއްލުންދޭ އަމަލުތައް ހުއްޓުވުމުގައި ފުލުހުންގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަމުގައި ހިންގި މި އިދާރާއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުކޮށް، ތިމާވެށީގެ އެސެސްމަންޓްތައް (އީއައިއޭ) ބަލައި، ގުދުރަތީ ވަސީލަތްތައް ރެގިއުލޭޓްކުރާ އެންމެ އިސް ގައުމީ އިދާރާއެވެ.

މީގެ އިތުރުން، އީއާރުއޭ އިން ދަނީ ތަރައްގީގެ މަޝްރޫއުތަކަށް ހުއްދަ ދޫކުރުމާއި، ހިޖުރަކުރާ ދޫނިތައް ހިފުން ފަދަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމާއި، ވައިގެ ނުސާފުކަމާއި ކުނި މެނޭޖުކުރުމުގެ އުސޫލުތައް ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތަންފީޒުވޭތޯ ބެލުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.