ހދ. ކުރިނބީ ކައުންސިލުން އެރަށުގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްކަޕް 2026 ފުޓްސަލް މުބާރާތް އިއްޔެ ފަށައިފިއެވެ.
ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ވަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ އެރަށުގެ އުތުރު އަވަށާއި ދެކުނު އަވަށް ތަމްސީލުކުރާ ހާއްސަ ފުޓްސަލް މެޗް ކުޅެފައެވެ. މި މެޗުގައި އެރަށުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ.
ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި ފިރިހެން ޑިވިޒަންގައި ފަސް ޓީމު ވާދަކުރެއެވެ. އެއީ ކްލަބް ފެލްކަން، ބަދަހި ސްޕޯޓްސް ކްލަބް، ކާނި ސްޕޯޓްސް ކްލަބް، ކުރިނބީ ކިންގްސް ސްޕޯޓްސް ކްލަބް އަދި ސިންޑިކޭޓް ފުޓްބޯލް ކްލަބެވެ.
ކުރިނބީ ކައުންސިލް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޗާލު ފޮޓޯ
މި މުބާރާތުގެ އަންހެން ޑިވިޒަންގައި ތިން ޓީމެއް ވާދަކުރެއެވެ. އެއީ އެފްސީ ނޯވާ، ކްރިނބީ ކްއީންސް ސްޕޯޓްސް ކްލަބް އަދި ރިވެލި އެވެ.
މި މިބާރާތް ހުޅުވުމަށް އިއްޔެ ހަވީރު 16:15 ގައި އުމުރުން ދުވަސްވީ މީހުންގެ މެޗަށްފަހު ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗު ކުޅެފައެވެ. މިއީ ފިރިހެން ޑިވިޒަންގެ ދެ މެޗެވެ.
ކުރިނބީ ކައުންސިލް ކަޕް 2026 ގެ ފުރަތަމަ މެޗުގެ ތެރެއިން، ފޮޓޯ: ޗާލު ފޮޓޯ
މިގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ކާނި ސްޕޯޓްސް ކްލަބާއި ކްލަބް ފެލްކަންސް ބައްދަލުކުރި 6-1 ލަނޑުން ކާމިޔާބުކުރީ ކްލަބް ފެލްކަންސް އެވެ. ދެވަނަ މެޗުގައި ކުރިނބީ ކިންގްސް ސްޕޯޓްސް ކްލަބް އަދި ބަދަހި ސްޕޯޓްސް ކްލަބް ބައްދަލުކޮށްފައިވާއިރު، މި މެޗު ކުރިނބީ ކިންގްސް ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ 8-0 ލަނޑުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.
މި މުބާރާތަށް ކުރިނބީ ފުޓްސަލް ދަނޑު ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާއިރު، މުބާރާތުގެ ތައްޔާރީތައް ވެސް ވަރަށް ފުރިހަމައަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!