މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢާއެކު، މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަން ރައީސް ހާމަކުރެއްވިއެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން އަލަށް ހިއްކި ސަރަހައްދުގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން މަގުމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަލަށް ހެދޭ ކީ-ވޯލްތަކާއެކު ލޯންޗު ފަހަރަށް ކައިރިކުރަން ފަސޭހަވެ، މުދާ އެރުވުމާއި ބޭލުމަށް ބޭނުންވާ ޖާގަ އިތުރުވެގެންދާނެއެވެ.

ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވަނީ، ފޮޓޯ: އެމްޓީސީސީ

ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މަގުގެ އެކި ސަރަހައްދުތަކުގައި ބެންޗުތަކާއި ހިޔާވާނެ އިންތިޒާމުތައް ގާއިމުކުރުމުގެ އިތުރުން، މަގުތައް ފެހިކުރުމަށްޓަކައި ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އެމްޕީއެލް ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް މަގުތައް ހަދާ ނިމުމުން، ބާޒާރުމަތީގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އުޅަނދުތައް ކޮންޓްރޯލްކޮށް، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން މާލޭގެ ތޮއްޖެހުން ކުޑަކުރުންކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާން ކައިރިން ބޮޑުތަކުރުފާނު މަގު ފުޅާކޮށްފައި، ފޮޓޯ: އެމްޓީސީސީ

މި ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ 21 އޯގަސްޓް 2025 ގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ބަހާލެވިފައިވަނީ ދެ ފިޔަވައްސަކަށެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތުގެ ތަފްސީލަށް ބަލާއިރު، ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި ނިމި، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ބާޒާރުމަތީ ސަރަހައްދުން އަލަށް ހެދި ބައި 16 ފެބްރުއަރީ 2026 ގައި ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލުމާއެކު، އެ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، ޖުލައި 8 ގައި ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ މި މަހުގެ 26 ގެ ކުރިން މި ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވާލުމެވެ.