ށ. މާއުނގޫދޫ ކައުންސިލް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި "ގެއިން ގެއަށް" ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މި ހަރަކާތަކީ ރަށުގެ ތަރައްގީއާއި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާތައް ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
މާއުނގޫދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތުގެ ދަށުން ކައުންސިލްގެ ޓީމުތަކުން ރަށުގެ ގޭބިސީތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތްތައް ކުރިއަށްދާނީ ޖުލައި 12، 13، 14، 15 އަދި 16 ވަނަ ދުވަހުއެވެ.
މި ދުވަސްތަކުގައި ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަމާއި، ކައުންސިލުން އިސްލާހުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
މިއީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި ރައްޔިތުންގެ ބަސް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ކައުންސިލުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!