ސައުތު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމާއި މަމެލޯޑީ ސަންޑައުންސްގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް، އުމުރުން 25 އަހަރުގައި މަރުވެއްޖެއެވެ.
އެޑަމްސް މަރުވެފައި މިވަނީ ވޯލްޑް ކަޕްގައި އޭނާގެ ގައުމަށް ކުޅެދިންތާ އެންމެ މަދު ހަފުތާތަކެއްގެ ތެރޭގައެވެ.
އެ ގައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި، އެޑަމްސްގެ ހަށިގަނޑު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކޭޕް ޓައުންގެ ޝޮޓްޝެކްލޫފްގެ ގެއަކުންނެވެ.
މި މަރާ ގުޅިގެން ސައުތު އެފްރިކާގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. ނަމަވެސް، އޭނާ މަރުވި ސަބަބެއް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ސައުތު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗަރ ގޭޓަން މެކެންޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެޑަމްސްގެ މަރުގެ ހަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށެވެ. އަދި ސައުތު އެފްރިކާގެ ފުޓްބޯޅައަށް ލިބުނު އެންމެ އުންމީދީ އެއް ހުނަރުވެރިޔާ ގެއްލިގެން ދިޔުމަކީ މުޅި ގައުމަށް ލިބުނު ހިތާމައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި އާއިލާއަށް އިހުތިރާމް ކުރުމަށާއި، މަރާ ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
އެޑަމްސް ވަނީ ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި ސައުތު އެފްރިކާ ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް ކުޅެފައެވެ. އެ މުބާރާތުގައި ސައުތު އެފްރިކާ ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައި، ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް، ގަދަ 32 ޓީމުގެ ބުރުގައި ކެނެޑާ އަތުން ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާގެ މާމަ ނިޔާވި ހަބަރު ލިބުނު ނަމަވެސް، އޭނާ ވަނީ އެ މެޗުގައި ކުޅެފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އެޑަމްސްގެ މަރާ ގުޅިގެން ތައުޒިޔާ ފޮނުއްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ، މިއީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ސްޓެލެންބޮސް އެފްސީން ކެރިއަރު ފެށި އެޑަމްސް، މަމެލޯޑީ ސަންޑައުންސްއަށް ބަދަލުވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ލީގު ތަށީގެ އިތުރުން އެފްރިކަން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދަތުރުކުރި ސައުތު އެފްރިކާ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!