މިނިސްޓްރީ އޮފް ހެލްތާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގުޅިގެން ޞިއްޙީ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ތިން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަކީ ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޮންނާނީ 10 ޖުލައި 2026 ވާ ދުވަހުގެ މެންދުރުފަހު 14:30 ގައި ލަގޮނޑިމާލިމީ މާލަމް (އެން.އޯ.ސީ ތިންވަނަ ފަންގިފިލާ) ގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

ދެވަނަ ޕްރޮގްރާމަކީ އަންހެނުންގެ ޞިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޚާއްޞަ ސެޝަނެކެވެ. މި ސެޝަން ކުރިއަށްދާނީ 10 ޖުލައި 2026 ގެ ރޭގަނޑު 20:30 ގައި ލަގޮނޑިމާލިމީ މާލަމްގައެވެ. މި ޕްރޮގްރާމަށް ކުޅުދުއްފުށީގެ އެންމެހާ ކަނބަލުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން، ހަކުރުބަލީގެ ސަބަބުން ފަޔަށް ލިބޭ ގެއްލުމާއި އެކަމަށް ދޭނެ ފަރުވާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްވެސް އެ ދުވަހު ކުރިއަށްދާނެއެވެ. މި ޕްރޮގްރާމް އޮންނާނީ 10 ޖުލައި 2026 ގެ ރޭގަނޑު 20:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރް.ސީ ގައެވެ.

މި ޕްރޮގްރާމްތަކަކީ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން، ރައްޔިތުންގެ މެދުގައި ބަލިތަކުން ރައްކާތެރިވުމަށާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ރައްޔިތުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ އިންތިޒާމުކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.