މާލޭގެ ދެ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާތަކެއް ހިނގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ އަލިފާންގަނޑުތައް ނިއްވާލައިފިއެވެ.

މި ހާދިސާތައް ހިނގާފައިވަނީ ގ. މިތުރު ގެއާއި މ. ޝަފާ ގޭގައެވެ.

Ad
rt

ގ. މިތުރު ގޭގެ ހާދިސާ

ގ. މިތުރު ގޭގައި ރޯވި އަލިފާނުގެ މަޢުލޫމާތު މިއަދު ހެނދުނު 08:39 ހާއިރު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 09:08 ހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ހުރި ސޮކެޓެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މި ހާދިސާގައި އެ އެޕާޓްމަންޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މ. ޝަފާ ގޭގެ ހާދިސާ

މީގެ އިތުރުން، މ. ޝަފާ ގޭގެ ގުދަނެއްގައި ވެސް މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގެ ރިޕޯޓް 09:26 ހާއިރު ލިބުމާ ގުޅިގެން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 09:46 ހާއިރުއެވެ.

މި ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން އެ ތަނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް، މި ހާދިސާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.