އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވެ، ބްރެޒިލަށް ހިޖުރަކުރި އުމުރުން 15 އަހަރުގެ ފަލަސްތީނުގެ ދަރިވަރު، ތާލާ މުޙައްމަދު އަވަދު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ތާލާ ވަނީ ބްރެޒިލްގެ ސައޮ ޕައުލޯ ސްޓޭޓުގެ ސަރުކާރު ސުކޫލުތަކަށް އަމާޒުކޮށްގެން ބޭއްވި މެތަމެޓިކްސް އޮލިމްޕިއާޑް (އޯއެމްއޭއެސްޕީ 2026) ގެ ދެވަނަ މަރުހަލާގައި ރަން މެޑަލް ހާސިލުކޮށްފައެވެ.

Ad
rt

ޣައްޒާގައި ތަހައްމަލުކުރި ހަނގުރާމައިގެ ހިތްދަތި ދުވަސްތަކަށްފަހު ބްރެޒިލަށް ދިޔަ ތާލާ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޕޯޗުގީޒު ބަސް ދަސްކޮށް، އެ ގައުމުގެ ތަޢުލީމީ ނިޒާމަށް ވަނީ ހޭނިފައެވެ. ސައޮ ޕައުލޯގެ މުނިސިޕަލް ފެންވަރުގައި ބޭއްވުނު މި މުބާރާތުގެ "ފޭސް 2" އިން ރަން މެޑަލް ހޯދުމާއެކު، އޭނާ މިވަނީ ސްޓޭޓް ފެންވަރުގެ މަރުހަލާއަށް ކޮލިފައިވެފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ތާލާ ބުނީ، މިއީ އޭނާގެ އާއިލާއިން ދިން ހިތްވަރާއި، ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ބްރެޒިލްގެ މެތަމެޓިކްސް އޮލިމްޕިއާޑް އިން ރަން މެޑަލް ހޯދި ފަލަސްތީނުގެ ތާލާ އާއި އާއިލާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް މެޗެއް ބަލަން ތައްޔާރުވެފައި

"އަޅުގަނޑަކީ ޣައްޒާގެ ފަލަސްތީނު ކުއްޖަކަށް ވެފައި، ހަނގުރާމައިގެ ސަބަބުން ވަރަށް ދަތި ދުވަސްތަކެއް ތަހައްމަލުކުރަން ޖެހުމުން މި ކާމިޔާބީގެ މާނަ މާ ބޮޑު. މިއީ ހަމައެކަނި އަޅުގަނޑަށް ލިބުނު ކާމިޔާބީއެއް ނޫން، މިއީ ފަލަސްތީނުގެ ހުރިހާ ކުދިންނަށް ލިބުނު އުންމީދެއް،" ތާލާ ބުންޏެވެ.

ތާލާ އިތުރަށް ބުނިގޮތުގައި، ބްރެޒިލަށް އައިއިރު ބަހުގެ ދަތިކަން ހުރި ނަމަވެސް، މުދައްރިސުންނާއި ކްލާސް ކުދިންގެ އެހީތެރިކަމާއެކު އެކަންކަން ފަހަނައަޅައި ދެވުނެވެ. އަދި ޣައްޒާގެ ކުދިންނަށް މެސެޖެއް ދެމުން އޭނާ ބުނީ، ކޮންމެފަދަ ހާލަތެއްގައިވެސް އުންމީދު ދޫކޮށްނުލުމަށާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ.

ތާލާގެ ބައްޕަ، މުޙައްމަދު އަވަދު ބުނިގޮތުގައި، މި ކާމިޔާބީއަކީ ހަނގުރާމައިގެ ސަބަބުން ގެއްލިގެންދިޔަ އުފާވެރިކަން އަލުން ލިބިގެންދިޔަ ކަމެކެވެ.

"ޣައްޒާގައި ބޮން އެޅުމުގެ އަޑުތަކުގެ ތެރޭގައި ބިރުން އުޅުނު ދުވަސްތަކަށްފަހު، މިއަދު ދަރިފުޅު އުފަލުން ހުއްޓާ ފެނުމަކީ ހަނގުރާމައިގެ މައްޗަށް ކުޑަކުއްޖަކު ހޯދި ބޮޑު ނަސްރެއް،" އޭނާ ބުންޏެވެ.

އަދި ބްރެޒިލްގައި ދިރިއުޅުނު ކަމުގައިވިޔަސް، ފަލަސްތީނުގެ ވަކިތަކާއި އަމިއްލަ ވަޒަނުގެ ހަނދާންތައް ދަރިންގެ ހިތްތަކުގައި އަބަދުވެސް ދިރިހުންނާނެ ކަމަށް މުޙައްމަދު އަވަދު ފާހަގަކުރިއެވެ.

ތާލާގެ މި ކާމިޔާބީއަކީ ހަނގުރާމައިގެ ސުންޕާކަމުގެ ތެރެއިންވެސް ހިތްވަރާއެކު ތެދުވެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ.