ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި "ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026" (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޞިއްޙީ ޚިދުމަތުގެ އަސާސަކީ އިންސާނުންކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށެވެ. އަދި ޤައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިޤްތިޞާދީ ވަރުގަދަކަމުން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ހުރި މިންވަރަކީ އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ވަސީލަތްތަކުގެ ދައުރު ފުޅާވަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް، އިންސާނީ އޯގާތެރިކަމަކީ އެއްވެސް މެޝިނަކަށް ނުވަތަ އެލްގޮރިދަމަކަށް ބަދަލުނުކުރެވޭނެ މުހިންމު ސިފައެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫން،" ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް ބޭނުންކުރާ ވަސީލަތަކަށްކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް (އެސްއައިޑީއެސް) ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމުގެ އިތުރުން، ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އީޖާދީ މަސައްކަތްތަކެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެފައިވާ ވަޢުދުތައް ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްޤީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ސަރުކާރުން މެދުނުކެނޑި އިންވެސްޓް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދެއްވާފައެވެ.