ހދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް އެކުވެގެން، އަތޮޅުގެ ތަރައްޤީއަށްޓަކައި ވަކި ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މި ޖުލައި މަހުގެ 2 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމުމާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބޯޑު މަސައްކަތް ކުރާނެ އުސޫލުތައް އެކުލަވާލުމަށެވެ.

Ad
rt

މިކަމާ ގުޅިގެން އެލްޖީއޭ އިން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވާލައި، އެ މަސްއޫލިއްޔަތުތައް އެލްޖީއޭއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މުޅި އިދާރީ ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެލްޖީއޭގެ ޤާނޫނީ ޒިންމާއެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެލްޖީއޭގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އުފެއްދުމަކީ ލާމަރުކަޒީ ޤާނޫނުގެ މަފްހޫމާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުގެންގޮސް، އެފަދަ ނިންމުމަކަށް ވާސިލުވީ ކޮން ޤާނޫނީ ހަމައަކުންތޯ ސާފުކޮށްދިނުމަށް ވެސް އެލްޖީއޭ އިން ވަނީ އެދިފައެވެ.

ހދ.އަތޮޅުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށް ބޯޑެއް އުފައްދަނީ

މި ސިޓީއާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް މީސްމީޑިއާގައި ވިދާޅުވީ، އެ ބޭފުޅުން މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ޚިދުމަތެއް ދޭން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެއީ އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްޤީއަށް މަސައްކަތްކޮށް، ނަތީޖާ ހޯދުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު، ކައުންސިލްތަކުގެ ޕާފޯމަންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާ މާކްސް ދޭގޮތަށް އެބައޮވޭ. މި ސިޓީގައި މި ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާވެސް ޚިލާފު ވާހަކައެއް،" މޭޔަރު އާތިފް ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި މި ހދ.އަތޮޅުގެ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތް ހުއްޓައިނުލައްވާނެކަމަށެވެ.