ދިވެހި ކޮންމެ ރައްޔިތަކު ޚިދުމަތެއް ހޯދުމަށްޓަކައި މާލެ އައިސް، ސަރުކާރުގެ އޮފީސްތައް ކައިރީގައި ކިއޫގައި ކޮޅަށް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ޢަލީ މޫސާ ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ޤައުމަކަށް ހެދުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކަކީ ރާއްޖޭގެ މުސްތަޤުބަލާއި، ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކާ ގުޅިފައިވާ މުހިންމު ބިލުތަކެއް ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރު ހާމަކޮށްދޭ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލުތަކުގެ ނަތީޖާއަކަށް ވާނީ އީ-ފާސް މެދުވެރިކޮށް މުޅި ސަރުކާރުގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ލިބިގެންދިއުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާ މިހާރުވެސް ފެންނަމުންދާކަން ފާހަގަކުރައްވަމުން ޢަލީ މޫސާ ވިދާޅުވީ، މި ފަހުން ހައުސިންގއަށް ކުރިމަތިލީ 58،505 ރައްޔިތުންނާއި، ކައުންސިލް އިންތިޚާބަށް ކުރިމަތިލީ މީހުންވެސް ފޯމު ނެގުމަށާއި ހުށަހެޅުމަށް ކިއޫގައި ޖެހެން ނުޖެހުނު ކަމަށެވެ.
"ދިވެހި ކޮންމެ ރައްޔިތަކު ޚިދުމަތެއް ހޯދަން މާލެ އޮފީސް ކައިރިއަށް އައިސް ކޮޅަށް ހުރުން އެއީ އަޅުގަނޑުމެންގެ މިއަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުކުރާ ކަމެއް ނޫން،" މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ޢަލީ މޫސާ ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސޮފްޓްވެއަރތަކާއި ލައިސެންސްތަކަށް އަހަރަކު ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި، ނަމަވެސް މި އައު ނިޒާމާއެކު އެ ޚަރަދު އަހަރަކު 100 މިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތައް އެއްކޮށް ނިމުމުން، ހޮސްޕިޓަލްތަކަށް ދާއިރު ''ފައިލް ބޮނޑި'' ހިފައިގެން ދިއުމުގެ ބަދަލުގައި، ޑިޖިޓަލް އައިޑީ ކާޑު ދައްކާލުމުން ހުރިހާ މަޢުލޫމާތެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އަލީ މޫސާ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި މެންބަރު ޢަލީ މޫސާ ސިފަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!