އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ޢައްޔަނުކުރުމަށް މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ޝަކީލް އީސީގެ މެމްބަރުކަމަށް ޢައްޔަނުކުރުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އޭނާ މަގާމުގެ ހުވާ ކުރެއްވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
ލޯކަލް އިންތިޚާބަށްފަހު ކުއްލި ގޮތަކަށް އެއިރު އީސީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާދެއްވުމުން އީސީގެ ރައީސްކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އީސީގެ ޤާނޫނު ބުނާގޮތުން އީސީ އަށް ރައީސަކު ޢައްޔަނުކުރުމަށް ނަމެއް އިޚްތިޔާރުކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ނަމަކަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަންޖެހެއެވެ. މިގޮތުން ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ އިއްޔެވެ.
އީސީގެ ރައީސްކަމަށް ޝަކީލް ޢައްޔަނުކުރަން ފެނޭތޯ ބެލުމަށް އެ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ދިރާސާކުރުމަށްފަހު، ކޮމެޓީ ރިޕޯޓްގެ މިއަދަށް އެޖެންޑާކޮށް އީސީގެ ރައީސަކަށް ޝަކީލް ޢައްޔަނުކުރުމަށް ރުހުންއޮތްތޯ މިއަދު ވަނީ ވޯޓަށް އަހާފައެވެ. މި ވޯޓުގައި ޝަކީލަށް ރުހުން ދީފައިވަނީ 51 މެންބަރުންގެ ވޯޓާ އެކު އެވެ.
ޝަކީލް ވަނީ 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އީސީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އީސީ މެމްބަރުކަމުން ޝަކީލް އިސްތިއުފާދެއްވުމުން ފަހުން ޢައްޔަނުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!