ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ.ތަކަންދޫގައި ހިރިގަލު މަހާނައިގެ ގަބުރުސްތާނު ހިމާޔަތްކޮށް އެތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ޝުޖާޢު ވަނީ އެ ގަބުރަސްތާނަކީ ދުނިޔޭގެ އެންމެބޮޑު ހިރިގަލު މަހާނައިގެ ގަބުރުސްތާނުގެ ގޮތުގައި ސިފަކުރަށްވާފައެވެ.
ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ މަސައްމަކަތް ކުރިއަށް ދަނީ، ފޮޓޯ: ޝުޖާޢުގެ ޕޯސްޓް
‘’މިއީ ތަރިކައިން އާންދަނީ ހޯދުމަށްވެސް ކުރެވިގެންދާ ބޮޑު މަޝްރޫޢެއް، ރާއްޖޭގައިވާ މިފަދަ ތަރިކަތައް ވޭތުވެދިޔަ ސަރުކާރުތަކުން ހިމާޔަތް ނުކޮށް ދޫކޮށްލެވިފައިވުމީ ލިބޭ ވަރަށް ބޮޑު ހިތާމައެއް،
ސަރުކާރުން މިހާބޮޑު އިސްކަމެއް މިމަޝްރޫއަށް ދެއްވިކަމަށްޓަކައި އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން’’ ޝުޖާއު ވިދާޅުވެފަވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި، ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރޭގައި ތަކަންދޫ ހިމަނާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަކަންދޫގައި ހުރި ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާނެކަމަށެވެ. އަދި ތާރީޚު ދަސްކުރަން ބޭނުންވާ، އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށްވެސް، އޭގެ ނަފާ ލިބޭގޮތަށް މި ތަންތަން ދެމެހެއްޓުމަކީ ސިޔާސަތުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމުދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމުގައި ތަރިކައާއި ބެހޭ ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގިނަ ދުވަސްވީ ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި އެއް ގަބުރުސްތާނަކީ ހއ. ތަކަންދޫ ގަބުރުސްތާންކަމަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ އަހްމަދު ސާލިމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!