ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއްގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ޑޮކްޓަރަކު އެބޯލާ ވައިރަހަށް ފައްސިވެފައިވާކަން ފަރަންސޭސިވިލާތުން ކަށަވަރުކޮށްދީފިއެވެ. މިއީ އެ ގައުމުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ފަރަންސޭސި ހެލްތު މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އެ ޑޮކްޓަރު މިހާރު ވަނީ ޚާއްސަ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައެވެ. އަދި އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި ބައްޔަކީ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވުމުން، އެ ޑޮކްޓަރާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

Ad
d

ޑީއާރު ކޮންގޯގައި މިދިޔަ މަހު އެބޯލާ ފެތުރެން ފެށިކަން އިއުލާންކުރި ނަމަވެސް، މާހިރުން ގަބޫލުކުރާ ގޮތުގައި އޭގެ ހަފުތާތަކެއް ކުރިންވެސް އެ ގައުމުގައި ވައިރަސް ދައުރުވަމުންދިޔައެވެ. މިހާތަނަށް އެ ގައުމުން 1،000 މީހުންނަށް ބަލި ޖެހިފައިވާއިރު، 260 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އަވަށްޓެރި ޔުގެންޑާއިންވެސް 20 މީހަކަށް ބަލި ޖެހި، ދެ މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށާއި، ބިރުގަންނަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. ފަރަންސޭސި ސަރުކާރުންވެސް ވަނީ އާންމުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށް ބުނެފައެވެ.

Ad
df

މިފަހަރު ފެތުރެމުންދަނީ އެބޯލާގެ ބަންޑިބުގްޔޯ (Bundibugyo) ނަމަކަށް ކިޔާ ބާވަތެކެވެ. މި ބާވަތަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ޑީއާރު ކޮންގޯގެ އިރުމަތީ ޕްރޮވިންސްތަކުގައި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެ ސަރަހައްދުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރު ދެއެވެ.