"ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު" ޕްރޮގްރާމުގެ ދެވަނަ ކޯސް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނަންގަވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި އަޚުލާޤީ ގޮތުން ހަރުދަނާ އިޚުލާޞްތެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ.

މި ފަހަރުގެ ކޯހުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 62 ފިރިހެނުންނާއި 13 އަންހެނުން ހިމެނެއެވެ.

16 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ސިނާއީ އެކި ދާއިރާތަކުން ފަންނީ ހުނަރުތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި އޮފީސް މެނޭޖުމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް އައުކުރުން އޮތެވެ. މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ މޭޖަރ ޙުސައިން ޝާހިދެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޯހުގެ ބައިވެރިން ތަމްރީނަށްޓަކައި ބ. ކިހާދޫއަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.