2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ (ޖޮސިމާ ޑިއަސް) ގެ މަންމަ، އެމެރިކާއަށް ދަތުރުކުރުމުގެ އިންތިޒާމްތައް ހަމަޖެހިއްޖެއެވެ.
ސްޕޭން މެޗަށްފަހު ދިން އިންޓަވިއުއެއްގައި، މާލީ ދަތިކަމާއި ވިސާގެ މައްސަލަތަކާ ހުރެ އޭނާގެ މަންމަ، އަނާ ކެންޑިޑާ އެވޯރާއަށް މެޗު ބަލަން ނާދެވޭތީ ވޮޒީނިއާ ވަނީ ފެންކަޅިވެ ހުރެ ވާހަކަ ދައްކާފައެވެ.
ވޮޒީނިއާގެ މަންމަ އެމެރިކާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހިގެން ދިޔައީ އެމެރިކާގެ ސިޔާސީ އިސް ފަރާތްތަކެއްގެ މެދުވެރިވުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވޮޒީނިއާގެ އަސަރުގަދަ އިންޓަވިއު ވައިރަލްވުމާ ގުޅިގެން، އެމެރިކާގެ ހައުސް ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ވަނީ މިކަމުގެ ތެރެއަށް ވެދެވަޑައިގެންފައެވެ.
ހަކީމް ޖެފްރީސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ގުޅުއްވައިގެން ކުރެއްވި މަސައްކަތުން، ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވިސާގެ ކަންކަން އަވަސްކޮށްދީފައެވެ. އަދި ކޭޕް ވާޑްގެ ރައްޔިތުންނަށް އާންމުކޮށް ލާޒިމްކުރާ 15,000 ޑޮލަރުގެ ޓްރެވަލް ބޮންޑާއި ވިސާ ފީ ވެސް ވަނީ މި ހާލަތުގައި މައާފްކޮށްދީފައެވެ.
މީގެ އިތުރުން، އެވޯރާގެ އަތުގައި އޭރު ސައްހަ ޕާސްޕޯޓެއް ވެސް ނެތުމުން، ކޭޕް ވާޑްގެ ކަމާބެހޭ އިދާރާތަކުން ވަނީ އޭނާ ދިރިއުޅޭ ސައޮ ވިސެންޓޭގައި ވަރަށް އަވަހަށް ޕާސްޕޯޓް ހެދުމުގެ ކަންކަން ފުރިހަމަކޮށްދީފައެވެ. އެއަށްފަހު އޭނާ ވަނީ ވިސާގެ ލިޔެކިޔުންތައް ނިންމުމަށް އެ ގައުމުގެ ވެރިރަށް ޕްރިއާ އަށް ދަތުރުކޮށްފައެވެ.
މި ހާއްސަ އެހީތެރިކަމާއެކު، އަނާ ކެންޑިޑާ އެވޯރާ މިހާރު ވަނީ އެމެރިކާއަށް ދިއުމަށް ފުރާފައެވެ. އުއްމީދު ކުރެވެނީ އަންނަ އާދީއްތަ ދުވަހު މިއާމީގައި ކޭޕް ވާޑާއި އުރުގުއޭ ބައްދަލުކުރާ މެޗު ބަލަން އޭނާ ދަނޑުގައި ހުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!