ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި އިތުރުބުރުގެ ވޯޓުގައި އެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކުރި ހޯދައި އެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން 14 މެއިގައި ކުރި ހުކުމާއި ގުޅިގެންނެވެ.

Ad
rt

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން)ނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ. އެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައި ކޯޓުން 14 މެއި 2026 ގައި ކުރި ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އެ ހުކުމާ އެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވީ އެވެ.

ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާއި ގުޅިގެން މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު އާންމުކޮށްފައިވާއިރު، މި ނަތީޖާ ދައްކާގޮތުން މީދޫ ރައީސްގެ ގޮނޑި ސުހާ ކާމިޔާބުކުރީ 529 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އެމްޑީއޭގެ ޝާހިދަށް ލިބުނީ 449 ވޯޓެވެ.

ސުހާގެ މި ކާމިޔާބީ އާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސުހާ އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ވޯޓު ދެއްވި އެދާއިރާގެ ރައްޔިތުންނާއި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާއްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހުން ވަނީ ވޯޓުލާފައެވެ. އެހެންކަމުން މި އިންތިޚާބުގައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 93 އިންސައްތަ މީހުން ވޯޓުލާފައެވެ.

މި ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 8:00 އިން 4:00 އަށެވެ. އަދި އިންތިޚާބުގައި ވޯޓުލުން މީދޫގައި ކުރިއަށްދިޔައީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބެހެއްޓިއިރު، މާލޭގައި ފޮށި ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

އޭޕްރިލް 4 ގައި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ކައުންސިލްގެ އަނެއް ދެ ގޮނޑި ކާޔާބުކޮށްފައި ވަނީ ވެސް ޕީއެންސީންނެވެ. މިގޮތުން ރަށު ކައުންސިލް މެމްބަރުކަމުގެ ގޮނޑި ޕީއެންސީގެ ހުސައިން ރަޝީދު ކާމިޔާބުކޮށްފައިވާއިރު، ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރި ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ މިސްކާ އަބްދުއް ރަހްމާނެވެ. އެހެންކަމުން މީދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ކާމިޔާބުވެފައިވަނީ ޕީއެންސީއަށެވެ.