ހއ. ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކޮށް އުފެއްދުމަށާއި، އެ ރަށުގެ ދީނީ އަދި އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުންތަކުގައި ވަށަފަރު ކައުންސިލްގެ އިތުރުން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކުރުމަށާއި، ރަށުގައި މިހާރު ހުރި މިސްކިތް މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ރަށުގައި އާ މިސްކިތެއް ބިނާކުރުމަށްޓަކައި ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ރަށްރަށުގެ ދީނީ ކަންކަން ކުރިއެރުވުމަށާއި މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކޮށް، ވަށަފަރު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ޝުކުރު އަދާކޮށްފައެވެ.

ވަށަފަރުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓާއެކުވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެކި މަޝްރޫޢުތަކުގެ މިހާރުގެ ހާލަތާއި ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ވަނީ މެންބަރު ޢަބްދުﷲ ޝަރީފް އަދި ވަށަފަރު ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަށަފަރުގެ ކުޅިވަރުގެ ހާލަތާއި، ރަށުގައި މިހާރު ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރު މަޢުލޫމާތު އޮޅުންފިލުއްވައި، ކުރިއަށް ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.