ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ އަޅުކަމާ ގުޅިގެން ޙައްޖުވެރިން ތަލްބިޔާ ކިޔައި، ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާ މި ދަނޑިވަޅުގައި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ" ޝަހީމް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ޢީދުގެ މުނާސަބަތުގައި ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި ވެސް އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކޮންމެ މުސްލިމަކުވެސް އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް ވެސް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު ކަމުގައި ދެކޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!