އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަށް ދިން ނުރައްކާތެރި ހަމަލާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާއާ ގުޅިގެން ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ އަނިޔާވެރި އަމަލުތަކަކީ ވަކި ކަމަކާ ނުގުޅި ހިނގާ ކަންކަމެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގައި ބައިބައިވުމާއި މުސްލިމުންނާ ދެކޮޅުވެރިކަން އާންމުވުމުގެ ނަތީޖާ ކަމަށެވެ.
"މިފަދަ އަނިޔާވެރިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މީގެ ދެކޮޅަށް އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ" ބޮޑުވަޒީރު ސްޓާމަރ އިތުރަށް ވިދާޅުވެފަވެއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންވެސް މި ހާދިސާއާ ގުޅިގެން ކަންބޮޑުވުންތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އޮތް ބިރުވެރިކަން އިހުސާސް ކުރެއްވޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރު (އައިސީއެސްޑީ) ބޭރުގައި ދިން މި ހަމަލާގައި ތިން މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މިސްކިތުގެ ސެކިއުރިޓީ ގާޑަކާއި، އެ ސަރަހައްދުގައި ހުންނަ އަލް ރާޝިދު އިސްލާމީ ސުކޫލުގެ ދެ މުވައްޒަފުންނެވެ. ފުލުހުން ބުނި ގޮތުގައި ސެކިއުރިޓީ ގާޑު ދެއްކެވި ހިތްވަރުގަދަ އަމަލުގެ ސަބަބުން، ހަމަލާދިން މީހުންނަށް އިމާރާތުގެ އެތެރެއަށް ނުވަދެވި، ގިނަ ބައެއްގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ.
ހަމަލާ ދިން ވަގުތު ސުކޫލު ތެރޭގައި ތިބި 50 އާއި 100 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިންނާއި ޓީޗަރުން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ރައްކާތެރިކަމާއެކު ބޭރަށް ނެރެފައެވެ.
މި ހަމަލާ ދީފައިވަނީ އުމުރުން 17 އަހަރުގެ ކޭން ކްލާކް އާއި 18 އަހަރުގެ ކޭލެބް ވެލާސްކޭޒް ނަމަކަށް ކިޔާ ދެ ފުރާވަރު ކުދިންނެވެ. މި ދެމީހުން ފެނިފައިވަނީ މިސްކިތާ ކައިރި ހިސާބެއްގައި އޮތް ކާރެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި އޮއްވައެވެ. އެފް.ބީ.އައި އާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ ނަސްލީ ތަފާތުކުރުމާއި މުސްލިމުންނަށް ނަފްރަތު ކުރުމުގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި، ހަމަލާދިން މީހުން ދުއްވި ކާރުގެ ތެރެއިން އިސްލާމްދީނާ ދެކޮޅު ލިޔުންތަކާއި، ނަސްލީ ގޮތުން ފަހުރުވެރިވާ ކަމަށް ބުނެ ލިޔެފައިވާ ވަސިއްޔަތް ނާމާއެއް ވަނީ ފެނިފައެވެ. މީގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރުގައިވެސް ނަފްރަތުގެ މެސެޖުތައް ލިޔެފައި ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!