ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައި، ގަލޮޅު މޯޗަރީއަށް ގެންގޮސްފިއެވެ.
މެއި 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފަސް ފަތުރުވެރިން ގެއްލުނެވެ. އެއީ އިޓަލީއަށް ނިސްބަތްވާ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އެއިގެ ތެރެއިން އެކަކުގެ ހަށިގަނޑު އެދުވަހު ހޮހޮޅައިގެ ތެރެއިން އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ނަގާފައެވެ.
ބާކީ ޑައިވަރުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރަމުންދިޔައިރު، އެކަމުގައި ބައިވެރިވާން ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއް އިއްޔެ ވަނީ އައިސް ހޯދުމުގެ އޮޕަރޭޝަނާއި ގުޅިފައެވެ. އެއީ ޑޭން ޔޫރަޕް އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަދި އިޓަލީގެ މާހިރުން ކަމަށްވާ ޖިސެއްޕޭ ޑިއަމާޓޯ އާއި ގްރެޓާ މާސެލީ އެވެ. މިޓީމުގެ ބައިވެރިވުމާއެެކު އިއްޔެ ވަނީ ބާކީ ޑައިވަރުން އެމީހުން ޑައިވް ކުރަން ވަން ހޮހަޅައިގެ ތެރެއިން ވަނީ ފެނިފައެވެ.
އެނގިފައިވާގޮތުގައި އެއިގެ ތެރެއިން ދެ ޑައިވަރުންގެ ހަށިގަނޑު މިއަދު ވަނީ ނަގާފައެވެ. އެމީހުންގެ ހަށިގަނޑު ނަގައިގެން މާލެ ގެނެސް ހަވީރު 16:05 ހާއިރު ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އެމްބިއުލާންސްއެއްގައި ގަލޮޅު މޯޗަރީއަށް ވައްދާފައެވެ.
އެމީހުންގެ ހަށިގަނޑު ގަލޮޅު މޯޗަރީއަށް ގެނައިރު ދިވެހި ބައެއް ނޫސްތަކުގެ ފޮޓޯގްރާފަރުންގެ އިތުރުން އިޓަލީވިލާތުގެ ނޫސްވެރިން ވެސް އެތަނުގެ ބޭރުގައި ތިއްބެވެ.
އަލިމަތާ ކައިރީގައި ހިނގި މި ހާދިސާގައި ފަތުރުވެރިން ގެއްލިފައިވަނީ ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އޮންނަ، ގާތްގަނޑަކަށް 260 މީޓަރުގެ ދިގު ހޮހަޅައެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން މީގެ ކުރިންވެސް ވަނީ މައުލޫމާތު ދީފައެވެ. މި ހޮހަޅައަކީ އޭގެ ފުންމިނާއި ދިގުމިނުގެ ސަބަބުން ބަލައި ފާސްކުރުމަށް ގޮންޖެހުންތަކެއް ހުރި ހައި ރިސްކް ތަނެކެވެ.
މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައި ދިވެހި ސިފައިންގެ ބޭކަލެއްގެ ފުރާނަވެސް ވަނީ ގޮސްފައެވެ. އެއީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ. މަހުދީ ނިޔާވެފައި ވަނީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 16 މެއި ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!