ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނަސްފައިވާ އިސްލާހަކާއެކު އިއްޔެ އިން ފެށިގެން އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ. އަތޮޅު ކައުންސިލްތައް އުވުނުނަމަވެސް ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލްގެ ކަންކަން ހިންގާ ބަލަހައްޓަން އިދާރީ އޮފީހުން ގާއިމުކޮށްފައި ހުރުމާއެކު، ދެން އެ އޮފީސްތަކަށާއި އެތަންތަނުގެ މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީއެއް މީސް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ. އެއީ އަތޮޅު ކައުންސިލްތައް އުވުމާ އެކު އެ ތަންތަނަށް ކިޔާނެ ނަމާއި އެ ކައުންސިލްތަކުގައި ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ސިޓީ އެކެވެ.

Ad
rt

އެ ސިޓީގައި ބުނެފައިވާގޮތުން މި އޮފީސްތަކަށް ކިޔާނެ ރަސްމީ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" އެވެ. މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ނޫން ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް އަތޮޅު ފެންވަރުގައި ދިނުމަށް ގާއިމްކުރާ ތަންތަނެވެ.

މި ބަދަލާ ގުޅިގެން އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.

މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖައްސާނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިންކަމަށް އެ ސިޓީގައި ބުނެފައިވާއިރު، އެހެންކަމުން، އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން އައު އޮފީސްތަކަށް ބަދަލުވާއިރު، އެ މީހުންގެ މާލީ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އިއްޔެ ވަނީ ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރު ފެށިފައެވެ.