މިދިޔަ ރިޔާސީ ދައުރުގައި ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ދައްކާފައިވަނީ ކުރީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ހިމެނޭ ފައިސާއެވެ. އެއީ، އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރެވެ. އެ ފައިސާ ދެއްކުމުގެ މުއްދަތު 11 މެއި 2026 އަށް ހަމަވެއެވެ. އެހެންވެ މިއަދު ހެނދުނު އެ ފައިސާ ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ހަރުދަނާކަމާއެކު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި އެކު ޖުމުލަ 974 މިލިއަން ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ފަދަ ޙަޤީޤަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑެތި ދަރަނިތަކުން ރައްޔިތުން ސަލާމަތްކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީއަކުން މަސައްކަތް ކުރަމުންދާކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!