ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި "އަދަދު" އޮންލައިން ނޫހުން ތައްޔާރުކުރި "އައިޝާ" ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހުދޫދުގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި އެންގުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފައެވެ.
މިގޮތުން އެ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް ކޯޓުން ނެރުނު އަމުރަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ގަޛްފުގެ ދައުވާ އުފުލައި، ޑޮކިއުމެންޓަރީ މަނާކޮށްފި
ކޯޓު އަމުރުގައިވާ މައިގަނޑު ކަންތައްތައް
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން ވަނީ ތިން ކަމަކަށް އަމުރުކޮށްފައެވެ. އެއީ:
- ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުން.
- މިއީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިއްރުކޮށްގެން ކުރިއަށްގެންދާ ޝަރީއަތަކަށްވާތީ، މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުފެތުރުން.
- މި އަމުރާ ހިލާފަށް ކުރާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!