މިއަދު އަޅުގަޑުމެން ދިރިއުޅެމުން ގެންދަންޖެހިފައި މިވަނީ ވަރަށް ހަލަބޮލި މާހައުލެއްގައެވެ. ދިމާވަނީ ހިތްހަމަނުޖެހުމުން ފުރިފައިތިބޭ މީހުންނާއެވެ. އުޅެންޖެހިފައިވަނީ ނުހަނު އަވަދިނެތި، ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

އެއީ މިއަދުގެ ހަގީގަތެވެ. އަޅާލުމާއި ލޯތްބަކީ މިއަދު ތަދު އެއްޗެކެވެ. އެހެންނަމަވެސް، އިންސާނީ ޠަބީޢަތް ލާޒިމުކުރާފަދައިން ކޮންމެ އިންސާނަކީ ވެސް އުފާވެރިކަމާއި ހިތްހަމަޖެހުމަށް ފެންބޮވައިގެންފައިވާ މީހެކެވެ. ނަފްސާނީގޮތުން މީހާ “ހަލާކުކޮށްލި” ތަޖުރިބާތަކެއް ތަހައްމަލު ކުރަންޖެހުމުގެ ސަބަބުން އަނެކުންނަށް ލިބޭ މާޔޫސްކަމާއި ހިތްދަތިކަމުން އުފާލިބިގަންނަން އެދުންވެރިވެފައިވާ ބަޔަކު ތިބެދާނެއެވެ. އެހެންނަމަވެސް، އެއީ އިންސާނީ ޠަބީޢަތުގެ ބަލިމަޑުކަމެކެވެ. އެކަމަށް ޖެހޭނީ ނަފްސާނީ ފަރުވާއެއް ހޯދާށެވެ.

Ad
rt

ކުރިން ދެންނެވި، ދިރިއުޅުމުގެ ގޮންޖެހުންތަކަށް ދޫނުދީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ވެށްޓެއް ތިމާގެ ވަށައިގެން ގާއިމުކުރުމަކީ، އާންމުކޮށް މީހުން ހީކުރާ ވަރަށްވުރެ ފަސޭހަކަމެކެވެ. އުފާވެރި ދިރިއުޅުމެއް ވޭތިކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެ އުފާވެރިކަން ހާސިލުކޮށް، އުފާވެރިކަން ދެމެހެއްޓުމަކީ ދަތިއުނދަގޫކަމެއް ނޫނެވެ. އެއީ އިންސާނީ ތަޖުރިބާގެ ހަގީގަތެވެ. އަޅުގަޑުގެ ތަޖުރިބާއިން އުނގެނިދަސްވި އެއްޗެއް ދަންނަވާލާނަމެވެ.

އުފާވެރި ހަޔާތެއް ވޭތިކުރުމަކީ މީހާ އަމިއްލަޔަށް ކުރާކަމެކެވެ. އެއީ އެހެންމީހުންގެ ފުށުން ތިމާ ލިބިގަންނަ ކަމެއް ނޫނެވެ. ބޭނުންވަނީ ތިމާގެ އިހްސާސްތައް ކޮންޓްރޯލުކޮށް އެއިހްސާސްތަކުގެ އަޅަކަށްނުވެ އުޅެން އެނގޭ މީހަކަށްވުމެވެ. އަދި އަނެކުންގެ އިހްސާސްތަކަށް އިހްތިރާމްކުރާ މީހަކަށްވުމެވެ. ތިމާއަށް އިވޭއަޑަކުން، ފެންނަކަމަކުން، ދިމާވާގޮތަކުން، ހަމައިން ނައްޓައިގެން ނުގޮސް، ވިސްނުންތެރިކަމާއިއެކު އެކަންކަން ހެންޑްލް ކުރަން އެނގޭ މީހަކަށްވުމެވެ. އެއީ އަޅުގަޑުގެ އެދުރަކު ވިދާޅުވި ވާހަކައެކެވެ.

އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ތަޅުދަނޑިއަކީ ހިނިތުންވުމެވެ. ހިތްހެޔޮކަމާއިއެކު މީހުންނާ ކުރިމަތިލުމުގެ ރިވެތިސިފަހުރި، އުފާވެރި މޫނެއްގެ ވެރިއަކަށްވެހުރެ އަނެކުންނަށް ތިމާގެ ފަރާތުން ލިބޭ ހިނިތުންވުމެވެ. މިކަމަށްޓަކާ ތައްޔާރުވުމުގެ ގޮތުން، ފަތިސްނަމާދު ކޮށްލައިގެން، ނިކުމުގެ ފެންވަރާ ރީތިވެލާ، ތިމާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްލާ، ހަމަޖެހިލައިގެން ދެން ހުރިކަންތައްތައް ކޮށްލާ، ތިމާއަށް ހިތްހަމެޖެހުމެއް ލިބޭ ކޮންމެވެސް ކަމެއް ކޮށްލެވިދާނެއެވެ.

ދުވަސްފަށާއިރު، ގެއިން ނިކުންނައިރު، އަދި ތިމާ މަސައްކަތް ކުރާ ތަނަކަށްދާއިރު، އެންމެފުރަތަމަ ދިމާވާ މީހަކަށް އުފާވެރިކަމާއެކު ހިނިތުންވުމެއް ދޭށެވެ. އަދި އެ އުފާވެރިކަން އެއީ ފެތުރިގެން ތިމާއާއި ދިމާއަށް އެނބުރި އަންނާނެ އެއްޗެއްކަން ގަބޫލުކުރާށެވެ. ތިމާއަށް ލިބޭނީ ތިމާ ދިން އެއްޗެކެވެ.

މީހުންނާ ވާހަކަދައްކާ އިރު، އެމީހުންގެ ވާހަކަތަކަށް ޝައުގުވެރިކަމާއެކު ކަނުލާ އަޑުއެހުމަށް ވަގުތު ދިނުމާއި، ތިމާ ވާހަކަދައްކާ މީހާގެ ލޮލަށް ބަލާލާ ހިތްހެޔޮކަން ފޯރުކުރުމަކީވެސް އިތުބާރު އުފެދުމާއި ގާތްކަން އިތުރުވުމަށް މަގުފަހިވާ ކަންތައްތަކެވެ.