އުފާފާގަތި މުސްތަގުބަލަކަށް ވާސިލުވެވޭނެގޮތް އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާއަތަކަށްވެސް، ހަމައެހެންމެ ކޮންމެ ގައުމަކަށްވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު ނިއުމަތުގެ ބޭނުންހިފައިގެންނެވެ. އާދެ، އެއީ އިންސާނާގެ ބުއްދިއެވެ. ބުއްދިއަކީ މާތްﷲ ދުނިޔޭގައި ލެއްވި ނިއުމަތްތަކުގެ ތެެރެއިން ހުސްނުވާ އަދި ވަކިމިންވަރެއްނެތް ހަމައެކަނި ނިއުމަތެވެ. އިންސާނާގެ ބުއްދީގެ މިންވަރެއްނެތެވެ. ހުސްވުމެއް ނެތެވެ. މިނިއުމަތުގެ ބޭނުން ހިފައިގެން، އެމީހަކަށް ނުވަތަ އެބަޔަކު ހިމެނޭ ޖަމާއަތަށް ހޯދޭނެ ކުރިއެރުން ހުސްވުމެއް ނެތެވެ.

އަޅުގަޑުމެން މިއަދު ތަޖުރިބާކުރަމުން ތަހައްމަލު ކުރަމުން ގެންދަންޖެހިފައިވާ މައްސަލަތަކުގެ ހައްލަކީ މާތްﷲ އަޅުގަޑުމެންނަށް ދެއްވި ބުއްދީގެ ނިއުމަތް ބޭނުންކުރުމެވެ. ބުއްދިއަކީ ފުރިހަމަ ނިއުމަތަކަށްވަނީ ހެޔޮގޮތުގައި ބޭނުންކުރުމުންނެވެ. ބުއްދި ހެޔޮގޮތުގައި ބޭނުންކުރާ މީހުންނަކީ ކީއްވެތޯ ސުވާލުކުރާ މީހުންނެއް ނޫނެވެ. ކިހިނެތްތޯ ސުވާލުކުރާ މީހުންނެވެ.

Ad
rt

އަޅުގަޑުމެން ގިނަމީހުން ކަންކަމާ ވިސްނާ ފިކުރުކުރާއިރު (ބުއްދީގެ ބޭނުންހިފާއިރު) އާދަވެފައިތިބެނީ ކީއްވެތޯ ސުވާލުކުރާށެވެ. ސިކުނޑި ފަރުމާކުރެވިފައިވާ ގޮތުން، ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު ލިބެއެވެ. އެހެންކަމުން، ކަމެއް ގޯސްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭގެ ޖަވާބު ސިކުނޑިން ހޯދާދެއެވެ. އަދި މައްސަލަޔަކީ ކޮބައިތޯ އެހުމުން އޭގެ ޖަވާބުވެސް ދެއެވެ. މިގޮތަށް ބުއްދިބޭނުންކުރާ މީހުންގެ ކުރިމަގު ބިނާކުރުމަށް އޮންނަ ފުރުސަތު ކުޑައެވެ. އެއީ ކުރިޔަށް ފިކުރުހިންގުމަށްވުރެ ބުއްދީގެ ބޭނުންކުރެވެނީ ފަހަތްބަލާ މައްސަލަތައް ހޯދާ ތަހުގީގުކުރުމަށް ކަމުގައިވާތީއެވެ.

ކުރިމަގުގައި ކަންކަން ރަގަޅުކުރާނީ ކިހިނެތްތޯ ސުވާލުކުރުމުން، ތިމާގެ ބުއްދި ތިމާއަށް އެކަމަށް މަގުދައްކައިދެއެވެ. އެއީ ބުއްދީގެ ޖާދުލެވެ. ކިހިނެތްތޯ ސުވާލުކުރާ މީހުންނަކީ ފާގަތިކަމާއި ކުރިއެރުމުގެ އަހުލުވެރިންނެވެ. އެމީހުންގެ މުސްތަގުބަލު އުޖާލާވާނެއެވެ.

އަޅުގަޑުމެން ޅަދަރިންގެ މުސްތަގުބަލު އުޖާލާކޮށް އެކުދިންނަށް ރައްކާތެރިކަމާއި އަޅާލުމާއި އޯގާތެރިކަމާއިއެކު ޒިންމާދާރުބަޔަކަށް ހަދަންބޭނުންނަމަ، އަޅުގަޑުމެން ކުރަންޖެހޭ ކަމަކީ، އެކަން ކުރާނީ ކިހިނެތްތޯ ސުވާލުކޮށް ބުއްދީގެ މިބައި ފުޅާކޮށް ތަރައްގީކުރުމެވެ. އެއިރުން ކަންކަން ރަގަޅުވާނެގޮތާއި މައްސަލަތަކުން ނިކުންނާނެގޮތް (ހައްލު) ހޯދޭނެއެވެ. ހައްލުނެރޭ ސިކުނޑިއަކީ ގިނަދުވަހު އެގޮތަށް ސިކުނޑި ހާނައިގެން އުފެއްދޭ އެއްޗެކެވެ.

އަޅުގަޑުމެން ކޮންމެމީހަކީ ކީއްވެތޯ އަށްވުރެ ބޮޑަށް ކިހިނެތްތޯ ސުވާލުކުރާ، މާތްﷲ ދެއްވި ބުއްދީގެ ނިއުމަތް ހެޔޮގޮތުގައި ބޭނުންކުރާ މީހަކަށް ވެއްޖެނަމަ، މިގައުމުގެ މުސްތަގުބަލު އުޖާލާވާނެއެވެ. އަޅުގަޑުމެން ކޮންމެ މީހަކީ ތިމާއަށާއި ތިމާގެ ވަށައިގެންތިބިމީހުންނަށާއި ގައުމަށް ފައިދާހުރި މީހަކަށް ވެވިދާނެއެވެ.