މީހަކަށް ނަފުސާނީ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ، ބޮޑުވެގެންވާ ފާފައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ، އިންސާނާގެ ނަފުސުގެ ރައްކާތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސަށްވެސް އަދި އެހެން މީހެއްގެ ނަފުސަށްވެސް އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ނޫނެވެ.
"އަހަރެމެންގެ ނަފުސަކީ އެއާއިމެދު ބޭނުންހާ ގޮތަކަށް ޢަމަލުކުރެވޭ އެއްޗެއް ނޫން. އެއިގެ ވެރިފަރާތަކީ މާތްﷲ. ނަފުސަކީ އަމާނާތެއް، އެ އަމާނާތަށް ގެއްލުން ދިނުން ވަނީ ޙަރާމްކުރައްވާފައި،" ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
އިސްލާމްދީނުގައި އިންސާނާގެ ފުރާނައާއި އެއްވަރަށް އޭނާގެ އަބުރުވެސް ވަނީ ރައްކާތެރިކުރައްވާފައެވެ. އެހެންކަމުން، މީހުންނަށް ހަނގާކުރުމާއި، ފުރައްސާރަކުރުމާއި، ހުތުރު ނަންތަކުން މުޚާތަބުކޮށް މަލާމާތްކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަމެވެ. މިއަދުގެ މުޖުތަމަޢުގައި "ގަނާކުރުން" ނުވަތަ ބުލީކުރުމަކީ ވަބާއެއްގެ ގޮތުގައި ފެތުރެމުންދާ ކަމެއްކަން ފާހަގަކުރައްވައި، އޭގެ ނުރައްކާތެރިކަމަށް ޚުޠުބާގައި އަލިއަޅުއްވާލާފަވެއެވެ.
ޚުޠުބާގައި ބުނި ގޮތުގައި، ގަނާކުރުމުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ހުށަހެޅި، ފުރާނަ ދޫކުރާ މީހުންނާއި ކުޑަކުދިންގެ ޢަދަދު ދުނިޔޭގައި އަންނަނީ އިތުރުވަމުންނެވެ. މީހަކަށް ދޭ ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއަކީ އެމީހަކު ނަރަކައަށް ހުށަހެޅިދާނެ ފަދަ ބޮޑު ފާފައެކެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، ރަސޫލާ ﷺ ގެ ސީރަތުން މިސާލެއް ދެއްކެވިއެވެ. ގިނަގިނައިން އަޅުކަންކޮށް އުޅުނު ނަމަވެސް، ދުލުން އަވަށްޓެރިންނަށް އުނދަގޫކޮށް އުޅުނު އަންހެނަކީ ނަރަކަވަންތަވެރިއެއްކަމަށް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދީފަވެއެވެ.
މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމުގެ ގުޅުމާ ގުޅޭގޮތުން ޚުޠުބާގައި ބުނެފައި ވަނީ، "އިސްލާމްދީނުގައި ތިމާގެ އަމިއްލަ ނަފުސުދެކެ ލޯބިވާ މިންވަރަށް ތިމާގެ އަޚާދެކެ ލޯބިވެއްޖައުމަށް ދާންދެން އެއްވެސް މީހަކު ފުރިހަމަ މުއުމިނަކަށް ނުވޭ،" ކަމަށެވެ.
ޚުޠުބާގައި ގަނާކުރުމުގެ ޝިކާރައަކަށްވެ، ބިރުދެއްކުމާއި އިންޒާރުތަކުގެ ސަބަބުން އެވާހަކަ މައިންބަފައިންނާ ހިއްސާކުރަން ނުކެރި ތިބެ ދުނިޔެ ދޫކުރާ ކުށެއްނެތް ކުދިންގެ ހިތާމަވެރި ޙާލަތަށް މުޖުތަމަޢު ހޭލުންތެރިވުމަށް ގޮވާލަމުންނެވެ. އަމިއްލަ ނަފުސަށް އެދޭ ހެޔޮގޮތް އަނެކާއަށްވެސް އެދުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހަނދާންކޮށްދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!