މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެނީ ޤާބިލު ދިވެހި ކުންފުނިތަކަށް ކަމަށާއި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގައި އަލަށް 23,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ހިމެނޭހެން އުފެދުނު މި ވަޒީފާތަކަކީ މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތުގެ ނަތީޖާއެވެ. އަދި މި ސަރުކާރަކީ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރުކަން ފާހަގަކުރައްވައި، ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ޙައްލު ހޯދައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގައި ކުރީން ނެތް އާ ޞިނާޢީ މަސައްކަތްތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބިދޭސީ މަސައްކަތްތެރީންގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

''ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެއެވެ. ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ޙައްލު ހޯދައިދީފީމުއެވެ. މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށައިފީމެވެ.'' -ރައީސް މުޢިއްޒު-

"ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ޢަމަލީސިފަ މިދަނީ ގެންނަމުން،" ރައީސްގެ ޚިތާބުގައި ވިދާޅުވެފަވެއެވެ.

ޒުވާނުން ބާކީވިޔަ ނުދީ ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އީ-ކޮމާސް މަންސަތަކުގައި ދިވެހި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

ޚިތާބުގައި ރައީސް ވިދާޅުވީ، ޖަލުތަކުގައި ތިބޭ ޤައިދީންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ރިޔާސީ ވަޢުދާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.