21 ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، 6 މަސް ތެރޭ ދިވެހި ކުންފުނިތަކުގެ ބިލުތަކަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިގްތިސޯދީ ހާލަތާއި ދަރަނި އަދާކުރުމުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި 21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ސުކޫކަށް ދެއްކި 524 މިލިއަން ޑޮލަރާއި، އޭޕްރިލް 23 ވަނަ ދުވަހު އިންޑިއާގެ ކަރަންސީ ސްވަޕަށް ދެއްކި 400 މިލިއަން ޑޮލަރެވެ. މި ފައިސާ ދައްކާފައިވަނީ ރައްޔިތުންނަށް އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިނުވެ، އަދި އެއްވެސް ހަރު މުދަލެއް ރަހުނު ނުކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
''21 އަކަށް ދުވަހުގެ ތެރޭގައި މިވަނީ ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައި ރައްޔިތުންނަށް އެއްވެސް ކަހަލަ ޑިފޯލްޓެއް ގައުމަށް ކުރިމަތިނުވެ، އެއްވެސް ހަރު މުދަލެއް ދޫކޮށްނުލާ، ރަހުނަކާއި ނުލައި އަދި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ހަރުމުދާ ސަލާމަތްކޮށްގެން މިކަންކޮށްފައި ވާނީ، އެހެންވީމަ އިގްތިސޯދު ރަނގަޅު ކުރަމުން ދަރަނިތައް ދައްކަމުން ގެންދަނީ،'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އިގްތިސޯދު ރަނގަޅު ކުރަމުން ދަރަނިތައް ދައްކަމުން ގެންދާކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ބޭރުގެ ދަރަނީގެ އިތުރުން، އެތެރޭގެ ދަރަނިތައް ދެއްކުމަށް ވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި (1 ނޮވެމްބަރު 2025 އިން 26 އޭޕްރިލް 2026 އަށް) ދިވެހި ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ، 3,300,000,000 މިލިއަން ރުފިޔާ ބިލްތަކަށް ފައިސާ ދައްކާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާއެވެ.
މި މަސައްކަތުގެ ދަށުން ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 700 ވެންޑަރުންނަށް ފައިސާ ދޫކުރަމުންދާ ކަމަށާއި، މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ބިލްތަކަށް ދެއްކުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!