ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފަން، އެ ރަށުގެ ފުރަތަމަ ހާފިޒެވެ.

Ad
rt

ކެލާ ކައުންސިލުގެ ތަހުނިޔާ

ޢައްޔާޝް ހޯދި މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ކެލާ ކައުންސިލުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކޮށް، ރަށުގެ ފުރަތަމަ ހާފިޒުގެ ޝަރަފު ޢައްޔާޝް ހޯދާފައިވާތީ، އެކަމަށްޓަކައި ކައުންސިލާއި ރަށުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ.

ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް އާއި ޢާއިލާ އަދި ވަޒީރު ޝަހީމް، ފޮޓޯ: އިސްލާމީ ވުޒާރާ

"މި ރަށަށް ތިޔަ ހޯއްދަވައިދެއްވި މަތިވެރި ޝަރަފާއި، ތިޔަ ކުރެއްވި ބުރަ މިންނެތް މަސައްކަތާމެދު އަޅުގަނޑުމެން ފަޚުރުވެރިވާ ހާލު، އަލްޙާފިޡް ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއަށާއި، މައިންބަފައިންނަށާއި އާއިލާއަށް ޝުކުރު ދަންނަވަމެވެ،" ކެލާ ކައުންސިލުން ބުނެފައިވެއެވެ.

ކުޑަ އުމުރެއްގައި މުޅި ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ތާޖު ޢައްޔާޝް ހާސިލުކުރުމަކީ މުޅި އަތޮޅަށާއި ރަށަށް ލިބުނު ވަރަށް ބޮޑު ރީތި ނަމެއްގެ ގޮތުގައި ކެލާ ރައްޔިތުން ފާހަގަކުރެއެވެ.