އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކަށް އަނިޔާވެފައިވަނީ ފުލުހުންގެ ސަބަބުންކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. އަދި ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ވަނީ ދީފައެވެ.
ފުލުހުން އިތުރަށް ބުނީ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ.
އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޑީޕީން ވަނީ ރޭގައި އެޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މާލޭގެ މޭޔަރު އާދަމް އާޒިމް ފަދަ ބޭފުޅުން ލީޑްކުރެއްވި މުޒާހަރާއެއް ވެރިރަށް މާލޭގައި ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގެ ބައިވެރިން މާލޭގެ މަޖީދީ މަގުން ވެސް ފުލުހުންގެ ހުރަސްއެޅުމެއްނެތި ހިނގާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!