އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ އުޅަނދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.

މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2024 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ.

މިއީ ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ ގުޅިގެން ލިބުނު އެހީއެއްކަންވެސް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަ ކުރުމަކީ ރައީސް މުއިއްޒުގެ މުހިއްމު ވައުދުފުޅެކެވެ. މި އުޅަނދު ލިބުމާއެކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ ތަމްރީނުތަކާއި ޓްރަޔަލްތަކަށްފަހު، އަންނަ މަހުގެ ފަހުކޮޅު މި އުޅަނދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.