މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ދިވެހި މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މި މަސައްކަތުގެ ދަށުން މިހާތަނަށް 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ދޫކޮށްފައިވާކަން ޝިޔާމް ވަނީ ހާމަކުރައްވާފައެވެ.

ވަޒީރު ވިދާޅުވިގޮތުގައި މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރުގެ ތެޔޮ ދޫކުރަމުންދާ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫއިންނެވެ. މީގެ އިތުރުން އައްޑޫ، ހުޅުމާލެ، ހިންމަފުށި އަދި ފެލިވަރުގައި ހުންނަ މިފްކޯގެ ސެންޓަރުތަކުންވެސް ދަނީ މެދުނުކެނޑި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެމުންނެވެ.

މިފްކޯއިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް ލިބޭނީ 16.54 ރުފިޔާއަށެވެ. އަދި މަސްވެރިންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ތިން ޓަނަށްވުރެ ގިނައިން މަސްކިރާ އުޅަނދުތަކަށް ލީޓަރަކުން 50 ލާރި ހެޔޮކޮށް، 16.04 ރުފިޔާއަށް ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މިފަދަ ދަތި ހާލަތްތަކުގައިވެސް މަސްވެރިންގެ މަސައްކަތަށް ހުރަސް އެޅުނަނުދީ، ވީހާވެސް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.