ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.
އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހދ. ފިނޭ ތިލަ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ”ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް“ މިސިލްސިލާގެ ދަށުން ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހދ. ފިނޭ ތިލަ ސަރަހައްދާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.
ޙިމާޔަތްކުރާ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު:

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް މިތިލައަކީ ހދ. ފިނޭގެ ދެކުނުފަރާތު ރަށާއި ގާތްގަޑަކަށް 250 (ދުވިސައްތަ ފަންސާސް) މީޓަރު ދުރުގައި އޮންނަ ތިލައެކެވެ. މިސަރަހައްދު އެކުލެވިގެންވަނީ މައި ދެ ތިލައެއްގެ ގޮތުގައެވެ. އޭގެތެރެއިން ބޮޑު ތިލަ 12 (ބާރަ) މީޓަރުން ފެށޭއިރު ކުޑަކޮށް އޮންނަ ތިލަ ފެށެނީ 18(އަށާރަ) މީޓަރުން ނެވެ.
ފިނޭ ތިލައަކީ ގިނައަދަދަކަށް ރީނދޫ، ނޫ އަދި އޮރެންޖް ކުލައިގެ މަޑު މުރަކަ (Coral Soft) ގިނައަދަދަކަށް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައިވާ ދެތިލަ ދޭތެރެއަކީ ޑައިވަރުން ވަރަށް ޝައުގުވެރިވާ އަދި ވައިފިޔަ މަޑި (Ray Eagle )، މާހުޅުބު ލަނޑާ، (Napolean Wrasse) ތިލަ މިޔަރު (Shark Reef Grey) އަދި ލައްޓި ފަދަ ބޮޑެތި ދިރުންތަށް ފެންނަ ސަރަހައްދެކެވެ. މީގެ އިތުރުން މިސަރަހައްދުން ކުދި ދިރުންތަށް ކަމުގައިވާ ޑިނގާ، އިހި އަދި ނޫޑި ބުރާންޗްގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ފެނެއެވެ. މިސަރަހައްދުގައި ގިނަ އަދަދަކަށް ދޮންނޫ މަސް އަދި ހަނދި ވެސް އުޅޭކަމުގައި ޑައިވަރުން ފާހަގަކޮށްފައިވެއެވެ.
ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:
ގިންތި 7 :ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް
މި ސަރަހައްދުގައި ކުރުން މަނާ ކަންކަން:
1 .އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
2 .ދޫނިސޫފާ ސޫފި ހިފުމާއި، ނެގުމާއި، މެރުން
3 .ވެލި، މުރަކަ، އަކިރި، ބޮލި ނެގުން
4 .ކުނި އެޅުން
5 .އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
6 .އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
7 .ބިންހިއްކުމާއި ފަޅު ފުންކުރުން
ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:
1 .ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
2 .ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް އެންވެރިކަމާއި، މުނިފޫހި ފިލު ވުމަށް މަސްވެރިކަން ފިޔަވައި އެ އްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން
3 .ދިރާސާ ކުރުން
އައިޑައިވްސް މޯލްޑިވްސް އިން މިތިލައިގައި ނަގާފައިވާ ބަޔެއް ފޮޓޯ ތިރީގައި ހިއްސާކޮށްލާނަމަވެ.





ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!