ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ހާދިސާގައި އަލިފާން ކޮންޓްރޯލްނުވެ ދެ ޑިންގީއަކަށް ގެއްލުންވެ، އައިސްޕްލާންޓުގައި ރޯވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު 9:31 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން އެކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ.

Ad
rt

އޭގެ ގަޑިއެއްހާއިރު ފަހުން 10:29 ގައި މިހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ އެ ހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

''އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވަނީ އަލިފާން ހިފާފައި'' ފުލުހުން ބުންޏެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

''އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވެފައި'' ފުލުހުން އިތުރަށް ބުންޏެވެ.

މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވަމުން އަންނައިރު، ހެނދުނު 9:49 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފ.ނިލަންދޫ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.