ފ. އަތޮޅު ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ.

Ad
rt

ފީއަލީ ބަނދަރުގައި އޮތް މި ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ބޯޓުން ބޮޑުބައެއް މިހާރު ވަނީ އަނދާފައެވެ.

މި ހާދިސާއާ ގުޅިގެން، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުން މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ރަށުގެ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

ފުލުހުން ގެންދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.