ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ.

Ad
rt

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އާދިލްއެވެ. އޭނާ އަށް ވަނީ 57.41 އިންސައްތަ (806 ވޯޓު) ލިބިފައެވެ. އޭނާ އާއި ވާދަކުރި މިނިވަން ކެންޑިޑޭޓު، ކައުންސިލްގެ މިހާރުގެ ނައިބު ރައީސް ޢަލީ ޚާލިދަށް ވަނީ 42.59 އިންސައްތަ (598 ވޯޓު) ލިބިފައެވެ.

ފުނަދޫ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ދެ ގޮނޑި ކާމިޔާބުކުރީ 42.99 އިންސައްތަ ވޯޓު ހޯދި ޕީއެންސީގެ މަރިޔަމް ވަހީދާ އަދި 33.33 ވޯޓު ހޯދި ޕީއެންސީގެ ފަރުޒާނާ އާދަމެވެ. އަދި ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑި ހޯދީ 36.54 އިންސައްތަ ވޯޓު ހޯދި ޕީއެންސީގެ އަބުދުލް މާޖިދު އަދި 34.95 ވޯޓު ހޯދި ޕީއެންސީގެ އާދަމް ހުސައިނެވެ.

މި އިންތިޚާބުގައި ޑަބްލިޔުޑީސީގެ ރައީސްކަން ޕީއެންސީގެ މަރިޔަމް ޒީނާ ހޯދީ 65.86 އިންސައްތަ (845 ވޯޓު) ހޯދައިގެންނެވެ.

ފުނަދޫ ޑަބްލިޔުޑީސީގެ އެހެން ގޮނޑިތައް ކާމިޔާބު ކުރީ ވެސް ޕީއެންސީންނެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ ޝީޒާ އަބުދުލް ހަމީދު، އައިމިނަތު ވަރުދާ، އައިމިނަތު ނަޖްމާ އަދި ހައްވާފުޅެވެ.

ފުނަދޫގެ އިތުރުން އެ އަތޮޅު ނަރުދޫގެ ހުރިހާ ގޮނޑިއެއްވެސް ލިބުނީ ޕީއެންސީ އަށެވެ.