ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ.

މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

ހުޅުމާލޭ ފޭސް 1ގެ ސައިޓުގައި މިކަމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، 364 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބާއި އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީގެ އިސްވެރިންނާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރީންނެވެ.

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މިރޭ ފެށި މި މަޝްރޫޢާއެކު، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި، އެކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން މިރޭ އިޢުލާންކުރައްވާފައެވެ. މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެއެވެ.

މި ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މުޅިން ނިންމާލުމަށް ތާވަލުކޮށްފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.