ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިމާރާތްތަކުން ބުދަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ހުރިހާ މުވައްޒަފުން ނުކުތުމަށް އީރާނުން އިންޒާރުދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން މި އިންޒާރު ދީފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އުދުވާނުތަކުގައި އެ ކުންފުނިތަކުން އެހީތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ.

Ad
rt

ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާ ކުންފުނިތައް

އީރާނުން އަމާޒުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ގޫގުލް، އެޕަލް، އެންވީޑިއާ، އައި.ބީ.އެމް، ޓެސްލާ، އިންޓެލް، ސިސްކޯ، މެޓާ، މައިކްރޯސޮފްޓް، ބޯއިން، އަދި އޮރަކަލް ފަދަ ދުނިޔޭގެ ނުފޫޒުގަދަ 18 ކުންފުންޏެއް ހިމެނެއެވެ. އައި.އާރު.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި މި ކުންފުނިތަކަކީ އީރާނުގެ އިސް އޮފިޝަލުން "ޓާގެޓްކޮށްގެން އަވަހާރަކޮށްލުމުގައި" ބައިވެރިވެފައިވާ ފަރާތްތަކެކެވެ.

"މި ކުންފުނިތަކުން، އޭޕްރިލް 1 ވާ ބުދަ ދުވަހުގެ ތެހެރާން ގަޑިން ރޭގަނޑު 8:00 އިން ފެށިގެން، އީރާނުގައި ހިންގާފައިވާ ކޮންމެ އަވަހާރަކޮށްލުމެއްގެ ބަދަލުގައި އެ ކުންފުނިތަކުގެ ކަމާގުޅޭ ޔުނިޓްތައް ސުންނާފަތިވާނެ ކަމަށް އުންމީދު ކުރަންވާނެ" އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އީރާނުން ބުނެފަވެއެވެ.

މި ބަޔާނުގައި ވަނީ މުވައްޒަފުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަގުތުން މަސައްކަތުގެ މާހައުލުން ނުކުތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގޮވާލުން

މި ބަޔާނުގައި އެ ކުންފުނިތަކަކީ "ޓެރަރިސްޓް ކުންފުނިތައް" ކަމަށް ސިފަކޮށްފައިވާއިރު، އެ ތަންތަނުގެ ވަށައިގެން އެއް ކިލޯމީޓަރުގެ ރޭޑިއަސް ތެރޭގައި ދިރިއުޅޭ މީހުންވެސް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. އީރާނުން ބުނާ ގޮތުގައި މި ކުންފުނިތަކުން ދަނީ އަމާޒުތައް ފަރުމާކުރުމާއި ޓްރެކްކުރުމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

މި ނުރައްކާތެރި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަނުޖެހުންތައް ހައްލުކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ހަމައެއާއެކު އީރާނާ ދެކޮޅަށް ހިންގާ ކެމްޕޭން ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނާ ގޮތުގައި މީގެ ކުރިން ދިން އިންޒާރުތަކަށް އެމެރިކާ ސަރުކާރާއި މި ކުންފުނިތަކުން ވަނީ އިހުމާލުވެފައެވެ.