މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ބޭއްވި މި ރަސްމިއްޔާތުގައި، ޕާކިންގ ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ.
މި މަޝްރޫޢަކީ މާލޭ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ އެޅުން ރައީސް ޝަރަފްވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއެވެ. "އެން.އެކްސް.ޓީ ބައި ބެޗް" ގެ ނަމުގައި ތަރައްޤީކުރާ މި ބިލްޑިންގަކީ 13 ފަންގިފިލާގެ އިމާރާތެކެވެ. މި މަސައްކަތް 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ޕާކިންގ ބިލްޑިންގ ފަރުމާކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރުގައެވެ. މި އިމާރާތުގައި ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގަ އޮންނާނެއެވެ. މިއީ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ މައްސަލައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ، ޕާކިންގ މައްސަލަ ހައްލުކުރުމަށް ޖުމްލަ 7 ޕާކިންގ ބިލްޑިންގ އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއަދު ބިންގާ އެޅި ބިލްޑިންގގެ އިތުރުން ބާކީ ހުރި 6 ބިލްޑިންގގެ މަސައްކަތްވެސް މިހާރު ވަނީ ދިވެހި 6 ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މާލޭ ސަރަހައްދުގެ މަގުމަތީގައި ތޮއްޖެހިފައިވާ އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށް ޕާކިންގ ބިލްޑިންގތައް ބިނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!