ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ ނިޒާމެއްގެ މުހިންމުކަމާއި، ބަލި އަވަހަށް ދެނެގަތުމާއި، މުޖުތަމައުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތްތެރިންނާއި މުޖުތަމައާ ގުޅިގެން، ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އިގުރާރު އާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޓީބީގެ އަލާމާތްތަކާއި ނުރައްކާ އޮތް ފަރާތްތައް
ޓީބީ ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން، ވަރުދެރަވުން، ހީކެރުވުން، ރޭގަނޑު އާދަޔާ ހިލާފަށް ދާހިއްލުން، އަދި މޭގައި ރިއްސުމާއެކު ކެއްސާއިރު ލޭ އައުން ހިމެނެއެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ދިގުމުއްދަތަށް ބޭސްކުރާ މީހުންނާއި، ހަކުރުބަލި ނުވަތަ ކެންސަރު ފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށެވެ. މީގެ އިތުރުން 5 އަހަރުން ދަށުގެ ބީސީޖީ ވެކްސިން ނުޖަހާ ކުދިންނާއި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
ބަލިން ރައްކާތެރިވުމަށްޓަކައި ޓީބީއަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޓެސްޓުކޮށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި، ހާމަ ތަންތަނަށް ކުޅު ނުޖެހުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ. ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކުން މި ބައްޔަށް ތަހުލީލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ޓީބީ ބައްޔާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 3024500 އަށް ގުޅުއްވުމަށް ނުވަތަ ntp@hpa.gov.mv އަށް އީމެއިލް ކުރެއްވުމަށް ވަނީ އެ އެެޖެންސީން އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!