އެމެރިކާ އާއި އިސްރާއީލުން ހޯމަ ދުވަހު އީރާނުގެ އިސްފަހާން ޕްރޮވިންސާއި ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ޚުއްރަމްޝަހަރުގައި ހުރި ހަކަތައާ ގުޅުންހުރި ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްފަހާންގައި ގަދީމީ ގޭސް އިދާރާގެ އިމާރާތަކަށާއި ގޭސް ޕްރެޝަރު ދަށްކުރާ ސްޓޭޝަނަކަށް ހަމަލާދިނުމުގެ ސަބަބުން އެ ތަންތަނުގެ ބައެއް ބައިތަކަށާއި ކައިރީގައި ހުރި ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.

Ad
rt

ޚުއްރަމްޝަހަރުގައި އަމާޒުކޮށްފައިވަނީ އިންޖީނުގެއަކަށް ނިސްބަތްވާ ގަދީމީ ގޭސް ހޮޅިއަކަށެވެ.

ޚުއްރަމްޝަހަރުގެ އޮފިޝަލުން ބުނި ގޮތުގައި އެއް މިސައިލް އަރާފައިވަނީ ގޭސް ހޮޅި ސްޓޭޝަނުން ބޭރު ސަރަހައްދަކަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އިސްފަހާންއިން ކަރަންޓު ކެނޑުމާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައި ނުވާއިރު، ޚުއްރަމްޝަހަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ލިބެމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު އިއުލާނު ކުރެއްވި ގޮތުގައި، 48 ގަޑިއިރުގެ ތެރޭގައި ތެހެރާނުން ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އެމެރިކާއިން އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" އެވެ.

މީގެ ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އިއުލާނު ކުރީ، އީރާނުގެ އިންފްރާސްޓްރަކްޗަރަށް ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން، ސަރަހައްދީ ހަކަތައިގެ ވިއުގަތަކަށާއި ލޮނު ފޮނުވާ ޕްލާންޓްތަކަށް، ހާއްސަކޮށް އިސްރާއީލަށް ނުވަތަ އެމެރިކާގެ ބޭސްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ވަގުތުން "އެއްވަރުގެ" ރައްދު ހަމަލާތަކެއް ދޭނެ ކަމަށެވެ.

އެންމެ ފަހުގެ މި ހަމަލާ އައިސްފައިވަނީ، ފާއިތުވި ދެ ދުވަހު ތެހެރާނާއެކު ކުރެވުނު މަޝްވަރާތަކަކީ "ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭ" މަޝްވަރާތަކެއް ކަމަށް ވިދާޅުވެ، އީރާނުގެ އިންޖީނުގެތަކަށާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ދޭ ހުރިހާ ހަމަލާތަކެއް ފަސް ދުވަހަށް ފަސްކުރުމަށް އަމުރުކުރައްވާފައިވާ ކަމަށް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވި ފަހުންނެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން އެ ސަރަހައްދުގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އަދި އީރާނުން އަންނަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.