ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އެވެ.
މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްއިން ހުށަހަޅައިގެން ކުރިއަށްދިޔަ “Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives)” މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާތީއެވެ.
އެގޮތުން، މި މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިއަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ދިވެހިރާއްޖެއިން ކަންކުރި ގޮތުން ކަމުގައި ވަނީ ލަފާދެއްވާފައެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސްކަމަށް ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ. ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފާއި، ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ޑރ. ޢަބްދުލްމުޙްސިން މުޙައްމަދާއި، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤާއި، އަލްފާޟިލް އަޙްމަދު ޢަލީމަނިކު އަދި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޓްލޮސްގެ ކޭސް ނަންބަރު 28 ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، ރާއްޖެއިން ޖަވާބުދާރީވުމުގައްޔާއި ގުޅުންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި ބާރުތައް ލިބިގެންވީ ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން ހިމެނެއެވެ. އަދި އެފަދަ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުމާއި، އިހުމާލެއްވާނަމަ އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުންވެސް ވަނީ މަތިކޮށްފައެވެ.
މީގެއިތުރުން، އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނޭ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ކަންކަން ހުށަހެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވަނީ، މި ކޮމިޝަނަކީ އޭގެ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!