މޯލްޑިވްސް ޒަކާތު ހައުސްއިން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ.

Ad
rt

މި ފަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ ޖެހިފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ.

ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި 62 ޔަތީމު ކުދިން ވެސް ހިމެނެއެވެ.

މި އަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 13.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައެވެ.

ޒަކާތް ބަލައިގަތުމުގައި ޑިޖިޓަލް ވަސީލަތްތަކާއި އޮންލައިން ޕްލެޓްފޯމްތަކަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. ހަތް އޮންލައިން ޕްލެޓްފޯމެއްގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކަށް ޚާއްޞަ ޕޯޓަލްއެއް ވެސް ވަނީ ތަޢާރުފުކޮށްފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގައި ނަގުދު ފައިސާއާއި ގޮވާމުން ވެސް ޒަކާތް ބަލައިގަނެފައިވެއެވެ.

ޒަކާތުގެ ކަންކަން ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ސަބަބުން، ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޙައްޤުވެރިންނަށް ހަމަހަމަކަމާ އެކު ފައިސާ ފޯރުކޮށްދިނުމަށް ބޮޑު ފަސޭހައަކަށް ވެގެންދިޔައެވެ.