ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ސަރުކާރުން އަލަށް ފެށުމަށް އިޢުލާނުކޮށްފައިވާ ހައުސިންގ މަޝްރޫޢަކީ އާއިލާތަކަށް އަތްފޯރާ ފަށުގައި ގެދޮރުގެ މިލްކުވެރިކަން ހޯދައިދީ، ކުއްޔަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ފެށި މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ ވިއުގަ "ލިންކްޑްއިން" ގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަޒީރު ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް (ފަސްޓް-ޓައިމް ހޯމްބަޔާސް) ޚާއްޞަކޮށްގެން 1,000 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ މީގެކުރިން ހިންގާފައިވާ ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގައި އިންވެސްޓަރުންނަށް ލިބުނު ފުރުޞަތުތަކުގެ ބަދަލުގައި، ހަޤީޤީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްޞީލުތައް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ބިމެއްގައި ކަމަށާއި، ކޮންމެ ބިމެއްގައި 200 ޔުނިޓް އިމާރާތް ކުރެވޭނެ ކަމަށެވެ. މީގެ ތެރެއިން 70 އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.

މާކެޓްގައި ބިމުގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައިވެސް، އާންމުންނަށް އަތްފޯރާ ފަށުގައި މި ތަންތަން ފޯރުކޮށްދިނުމަށްޓަކައި ވިއްކޭނެ އެންމެ މަތީ އަގުތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1.8 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަގަކަށް، އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއް 2.3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަގަކަށް ވިއްކަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސައްތަ އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ކުންފުނިތަކަށް ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ވަޒީރު ޑރ. މުއްޠަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތުގެ ސަބަބުން ދިވެހި އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބި، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމު ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.