އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ކަނޑުގެ ސަރައްހައްދު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގެ މަސައްކަތްތައް ވަރަށް ހަލުއި މިނުގައި ކުރިއަށް ދާކަމަށް ވިދާޅުވެފަ އެވެ.
ދެ ހާސް ތޭވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކަނޑު ހޯދުމުގެ އަމަލީ މަސައްކަތް ފެށިފައިވުމުގެ ސަބަބުން މިއީ ސިޔާސީ ކަމެކޭ ނުބުނެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސްއިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނަސް، ގެއްލުނު ކަނޑުގެ ސަރައްދު ހިމަނައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިއުލާނު ކުރެއްވީ އެކަން ކުރެވޭނެ ހިސާބަށް ކަންކަން ދިއުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފޯޅަވައްސަކީ އެތައް ގަރުނެއް ކުރިން ވެސް ދިވެހިންގެ ތަނެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފޯޅަވައްސަކީ، ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއް ކުރީ ޒަމާނުގައި، އެތައް ގަރުނެއް ކުރިން ދިވެހިން އެ ތަނަކަށް ފޯޅަވަހީގެ ނަމުން ނަން ދީފައި އޮއްވައި އެހެން ގައުމުތަކުން އެހެން ނަންނަން ކިޔައި ޗާގޯސް ކީ ކަމުގައި ވިޔަސް ދިވެހިންގެެ ތަނެއް ކުރިން. އެތަން އެއްވެސް ގައުމަކާ ހަވާލުކުރާނަމަ އެތަނުގެ ރައިޓުފުލް އޯނާ އަކީ ރާއްޖެކަން އަޅުގަނޑު މިދަނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގަމުން. އެއީ ސިޔާސީ ބޭނުމަކު ކުރާ ކަމެއް ނޫން. " ރައީސް ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުން ވެސް ފޯޅަވަހި ވަކި ގައުމަކާ ހަވާލުކުރާނަމަ ހަވާލުކުރަންވާނީ އެތަނުގެ ހަގީގީ މިލްކުވެރިންނާ ކަން ފާހަގަކުރައްވަމުން ރައީސްއަކީ ފޯޅަވަހީގެ މިލްކުވެރިކަން އެންމެ ހައްގު ފަރާތްކަން އަންގައި ދެ ފަހަރެއްގެ މަތިން އިނގިރޭސި ވިލާތަށް ސިޓީ ފޮނުވާފައި ވާނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!