މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ފަށައިފިއެވެ.

ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އޮންލައިންކޮށް އަދި ކައުންޓަރުތަކުން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

Ad
rt

އޮންލައިންކޮށް ޒަކާތް ދެއްކުން

ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށެވެ.

ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ދިރާގު ޕޭ، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ.

މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ޒަކާތު ހައުސް އިން މައުލޫމާތު ދެއެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން

އޮންލައިންގެ އިތުރުން މާލޭގައި ނަމަ އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުންނެވެ. މާލޭގައި ޒަކާތް ބަލައިގަންނާނީ ފެބުރުއަރީ 22 އިން މާޗު 9 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. އަދި މާޗު 10 އިން 19 އަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކަކީ: އާދައިގެ ހަނޑޫ ނަމަ 12ރ، ތައިލެންޑް ހުދު ހަނޑޫ ނަމަ 53ރ، ރަތް ހަނޑޫ ނަމަ 96ރ، އާދައިގެ ބާސްމަތީ ހަނޑޫ ނަމަ 77ރ، މޮޅު ބާސްމަތީ ހަނޑޫ ނަމަ 109ރ، އަދި އެންމެ މޮޅު ބާސްމަތީ ހަނޑޫ ނަމަ 136ރ އެވެ. މީގެ އިތުރުން އާދައިގެ ފުށުން ނަމަ 10ރ އަދި އާޓާ ފުށުން ނަމަ 75ރ އެވެ.