ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.
މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމަށް ވަކިވަކި ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އިހަވަންދޫ ސުކޫލުގެ ރަސްމިއްޔާތު އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް ޝަރަފުވެރިކޮށްދެއްވިއިރު، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް އަދި ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމުލަ 184 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ރަސްމިއްޔާތުތަކުގައި ފުލުހުންގެ އިސްވެރިންނާއި ސްކޫލްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް މަގުމަތީގެ ގަވާއިދުތަކާއި، ޓްރެފިކް ނިޝާންތަކުގެ އިތުރުން ޓްރެފިކް މޮނިޓަރުންގެ މަސްއޫލިއްޔަތުތައް ވަނީ އުނގަންނައިދީފައެވެ. މީގެ އިތުރުން ސިއްހީ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދޭނެ ގޮތާއި، މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް ވަނީ ކިޔައިދީފައެވެ.
ދަރިވަރުންގެ ހުނަރު ތަރައްގީކުރުމުގެ ގޮތުން ޓީމް ބިލްޑިންގ، މޯޓިވޭޝަނަލް ސެޝަންތައް، ކޮމިއުނިކޭޝަން ސްކިލްސް އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ބޭނުންކުރާނެ ބޭސިކް ސެލްފް ޑިފެންސް އުކުޅުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!