އެމެރިކާ އާއި އިސްރާއީލް އަދި ހުޅަނގުގެ ބާރުތަކަށް ބޯ ނުލެނބުމުން އަޅާފައިވާ ދިގުދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ގައުމީ ފައިސާގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ މުސާރަ 1،000 އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ މުސާރަ ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ އަމިއްލަފުޅު މުސާރައަށް އައިސްފައިވާ ބަދަލެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 6،000 ތޫމާނަކީ އޭރުގެ ބާޒާރުގެ ނިސްބަތުން ބަލާނަމަ 6،000 އެމެރިކާ ޑޮލަރާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް، އިންފްލޭޝަން މަތިވެ ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން، މިހާރު ރައީސްގެ މަގާމުގައި ހުންނަވައިގެން ލިބިވަޑައިގަންނަވާ މުސާރައިގެ އަގު އުޅެނީ ގާތްގަނޑަކަށް 1،000 ޑޮލަރުގައެވެ.

މިދިޔަ ޑިސެމްބަރު މަހު އީރާނުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އަސަރުކުރި އާއިލާތަކުގެ ހާލަތު ސަރުކާރުގެ އިސް ފަރާތްތަކުން ގާތުން ބަލަމުންދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އީރާނުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ސައްޔިދު ސައްތާރު ހާޝިމީ ވިދާޅުވީ، ގައުމުގެ އިގްތިސާދީ ހަމަޖެހުމަށްޓަކައި މުވާސަލާތީ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށެވެ. އެގޮތުން ދާދިފަހުން ހިނގި ހާދިސާތަކާ ގުޅިގެން މެދުކެނޑުނު އިންޓަނެޓްގެ ހިދުމަތްތައް އަލުން އާންމު ހާލަތަކަށް ގެނައުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ހާޝިމީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ގާތްގަނޑަކަށް 10 މިލިއަން ރައްޔިތުންނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޑިޖިޓަލް އިގްތިސާދުގެ މައްޗަށް ބަރޯސާވެގެން ދިރިއުޅުން ބައްޓަންކުރާ މީހުންނެވެ. އެހެންކަމުން، ރައްޔިތުންގެ އާމްދަނީއާ ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ގައުމުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.