ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ބޮޑެތި ބަދަލުތަކަކާއެކު އެ ކާޑު "ސްމާޓް ކާޑު" އަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ ހިންގުންތެރިކަން (އެފިޝެންސީ) މަތިކޮށް، ހެޔޮވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަން ނިޒާމެއް ޤާއިމުކުރުމަކީ މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށެވެ. މި ނިޒާމު ޤާއިމުވުމުން ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަވެ، ޚިދުމަތްދޭ މުވައްޒަފުންނަށް ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރަށްވައި، މިއީ ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިކޮށް، ދެފުށް ފެންނަ، އަވަސް އަދި އިތުބާރު ހިފޭ ޚިދުމަތުގެ ނިޒާމަކަށް ވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިދާރީ ނިޒާމަށް ގެނެވޭ އިންޤިލާބީ ހެޔޮ ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށްދާނީ 11 މެއި 2025 ގައި އިފްތިތާޙް ކުރި "މޯލްޑިވްސް 2.0" ގެ ދަށުންނެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީ މެދުވެރިކޮށް މުޢާމަލާތްތައް ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން "މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް" އާއި "ސޮވަރިން ކްލައުޑް" ޤާއިމުކޮށް، ދައުލަތުގެ ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ޑިޖިޓަލްކޮށް ލިބޭނެ މަގު ފަހިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބޮޑު މަޝްރޫޢު ތަންފީޒު ކުރުމަށްޓަކައި "ޑިޖިޓަލް ޓްރާންސްފޮމޭޝަން މަގުޗާޓު" މިހާރު ވަނީ ކެބިނެޓުން ފާސްކޮށްފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި މިކަމަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި ތިން ބިލެއް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ:
- ޑިޖިޓަލް ޓްރާންސްފޯމޭޝަނާބެހޭ ބިލު
- ޑިޖިޓަލް އައިޑެންޓިޓީއާބެހޭ ބިލު
- ސައިބަރ ސެކިއުރިޓީއާބެހޭ ބިލު
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިއަހަރު ނިމޭއިރު ރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލެވި، ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި މި ޚިދުމަތް އެންމެ ފުރިހަމައަށްދޭ ޤައުމަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއާއެކު، ދިވެހި އައިޑީ ކާޑު ބޮޑެތި ބަދަލުތަކަކާއެކު ސްމާޓް ކާޑަކަށް ބަދަލުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!